އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކީ ކޮންމެ ރަށެއްގެ އަދި ސިޓީއެއްގެ ކައުންސިލާ އެކުގައި، އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރުމަށްޓަކައި، އެ ރަށުގެ ނުވަތަ އެ ސިޓީގެ އަންހެނުންގެ ތެރެއިން އެ ރަށެއްގެ ރައްޔިތުން އިންތިޚާބުކުރާ ކޮމިޓީއެވެ. 

ރަށެއްގެ ނުވަތަ ސިޓީއެއްގައި ޤާއިމްވެފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް މަސައްކަތްކުރަނީ، އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލާ އެކުގައެވެ. 

އ.ތ.މ. ކޮމިޓީގެ ޒިންމާ ނުވަތަ މަސްއޫލިއްޔަތުތައް

  • ރަށުގެ  ތަރައްޤީގެ ކަންކަމުގައާއި ކައުންސިލުން ދެމުންގެންދާ ރަށްވެހިކަމުގެ ޚިދުމަތްތަކާ ބެހޭގޮތުން ކައުންސިލަށް ލަފާ ދިނުން.
  • ރަށުގެ އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުން.
  • ރަށުގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން.
  • ސިޔާސީ އަދި އިޖްތިމާއީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރުން.
  • މަތީ ތަޢުލީމް ޙާޞިލްކުރާ އަންހެނުންގެ އަދަދު އިތުރުކުރުމަށް މަސައްކަތްކުރުން.
  • އަންހެނުންނާއި ކުޑަކުދިންގެ ޞިއްޙީ ޙާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުން. 
  • އަންހެނުންނަށްލިބޭ ވަޒީފާއާއި ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރުން.
  • އަންހެނުންނާބެހޭ މުހިންމު މަޢުލޫމާތު އެއްކުރުން. 

މިއީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 35 ވަނަ މާއްދާއާއި 57 ވަނަ މާއްދާގެ ދަށުން ކޮންމެ ރަށު ކައުންސިލަކާއި ކޮންމެ ސިޓީ ކައުންސިލެއްގެ ބެލުމުގެ ދަށުގައި އޮންނަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ އަންހެނުންގެ ކޮމިޓީގެ ކަންކަން ތަންޡީމު ކުރުމުގެ ގޮތުން އެކުލަވާލައިފައިވާ  ޤަވާޢިދުގެ ދަށުން  ރައްޔިތުންގެ ވޯޓަކުން  5 މެމްބަރުން ގެ މައްޗަށް  އިންތިޚާބު ކޮށްފައިވާ ކޮމިޓީއެކެވެ.