ކައުންސިލްތަކަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުމުގެ ޤާނޫނުގެ ދަށުން  ބާރުލިބިގެން އެކުލަވާލާފައިވާ ސަރުކާރުގެ ތިރީ ފަށަލައެވެ. ކައުންސިލްތަކުގެ މައިގަނޑު މަސައްކަތަކީ ކައުންސިލްތަކަށް ލިބިދީފައިވާ ބާރުގެ ތެރެއިން، އެރަށެއްގެ އިޙުތިޞާސް ހިނގާ ސަރަޙައްދުގައި ހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފައި، އެސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ރަށްވެހި ޚިދުމަތްތައް ފޯރުކޮށްދީ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކޮށް، އަމާން ރައްކާތެރި ވެއްޓެއް ޤާއިމްކޮށްދިނުމެވެ. 

ޤާނޫނުއަސާސީ އާއި ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް އެކްޒެކެޓިވް ބާރުތަކުގެ ތެރެއިން ރަށްވެހި ޙިދުމަތްތަކާއި ޤާނޫނުގައި ކަނޑައަޅާފައިވާ އެހެނިހެން ޚިދުމަތްތައް ދިނުމުގެ ބާރު ކައުންސިލްތަކަށް ދީފައިވެއެވެ. އަދި ޤާނޫނުތަކާއި މަރުކަޒީ ފެންވަރުގައި ހެދޭ ގަވާއިދުތަކާއި ތައާރަޒުނުވާނޭހެން ކައުންސިލަށް ޤާނޫނުން ލިބިދީފައިވާ ބާރު ތަންފީޒުކުރުމަށް ގަވާއިދު ހެދުމުގެ ބާރުދީފައިވެއެވެ. 

ކައުންސިލަށް ޤާނޫނުން ހަވާލުކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތު މައިގަނޑު 5 ބަޔަކަށް ބަހާލެވިދާނެއެވެ. 

- ވަޞީލަތްތައް ޤާއިމްކުރުމާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން

- ސޯޝަލް އެންޑް ވެލްފެއަރ ސާރވިސް 

- އަމާން ވެއްޓެއް ޤާއިމްކުރުމާއި ޤާނޫނީ ޙުކޫމަތް ދެމެހެއްޓުން 

-ދެމެހެއްޓެނިވި ގޮތެއްގައި ރަށް ތަރައްޤީކުރުން

-އިދާރީ ކަންކަން ބެލެހެއްޓުން 

މިކައުންސިލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޤާނޫނީ ޝަޚުސެކެވެ. މިކައުންސިލްގައި ރަށު ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކޮށްފައިތިބި 7 ކައުންސިލަރުން ތިއްބަވައެވެ. އަދި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށްޓަކައި ސިވިލްސަރވިސްގެ މުވައްޒަފުން ހިމެނޭގޮތަށް ކައުންސިލްގެ އިދާރާއެއްވަނީ ގާއިމްކޮށްފައެވެ. މިއިދާރާގެ ޚިދުމަތްތައް އަމާޒުކުރެވިފައިވާނީ ރަށުގެ ރައްޔިތުންނަށެވެ.