މިކައުންސިލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޤާނޫނީ ޝަޚުސެކެވެ. މިކައުންސިލްގައި ރަށު ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކޮށްފައިތިބި 7 ކައުންސިލަރުން ތިއްބަވައެވެ. އަދި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށްޓަކައި ސިވިލްސަރވިސްގެ މުވައްޒަފުން ހިމެނޭގޮތަށް ކައުންސިލްގެ އިދާރާއެއްވަނީ ގާއިމްކޮށްފައެވެ.
ރަށުގެ ވަނަވަރު / ކައުންސިލުގެ އިޚްތިޞާޞް ހިނގާ ސަރަހައްދު
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށްޓަކީ އަތޮޅުގެ މީހުން ދިރިއުޅޭ 14 ރަހުގެ ތެރެއިން އާބާދީގެގޮތުން ދެވަނައަށް އެންމެބޮޑު އާބާދީއޮތް ރަށެވެ. ހޯރަފުށީގެ އާބާދީގައި މިހާރު 3588 މީހުން އެބަތިއްބެވެ. އެއީ 1761 އަންހެނުންނާއި، 1827 ފިރިހެނުންނެވެ. ހޯރަފުށްޓަކީ މާލެއާއި، 182 ނޯޓިކަލްމޭލު ދުރުމިނުގައި ރާއްޖޭގެ އެންމެ ހުޅަނގު އުތުރަށް އޮންނަ އިހަވަންދިއްޕޮޅަށް ނިސްބަތްވާ ރަށެކެވެ. ހޯރަފުށި އޮންނަ ޕޮޒިޝަނަކީ ލެޓިޓިއުޑް 06-58N، ލޮންޖިޓިއުޑް 72-53Eއެވެ.
ހޯރަފުށީގެ ޖުމްލަ ބޮޑުމިނަކީ 110 ހެކްޓަރެވެ. ރަށުގައި މީހުން އާބާދުވެފައިވާ ސަރަޙައްދުގެ ބޮޑުމިނަކީ 67 ހެކްޓަރެވެ. ހޯރަފުށްޓަކީ ރަށް ހިމެނޭ ފަޅުގެ ގޮތުން ރަށަށް ވަރަށްބޮޑު ބައެއް އިތުރުކުރެވޭ ގޮތަށް ފަސޭހަ ކަމާއެކު ބިން ހިއްކޭގޮތަށް އޮތް ޤުދުރަތީ މުއްސަނދިކަން ލިބިފައިވާ ތިލަ ފަޅެއްގައި އޮތްރަށެކެވެ. ހޯރަފުށިއޮތް ފަޅުތެރޭގައި ހޯރަފުށްޓާއެކު، އެއްރަށް އަނެއްރަށާއި ގުޅާލެވޭގޮތަށް 08 ފަޅުރަށް އެބައޮތެވެ. އެއީ، ހއ ހުވަހަންދޫއާއި، އުނގުލިފިނޮޅާއި، ވެލިފިނޮޅާއި، މާފިނޮޅާއި، އުމަރަތްފިނޮޅާއި، ހަތިފުށްޓާއި، މަތީރަށާއި އަދި އިންނަފިނޮޅެވެ. 2013 ވަނަ އަހަރުގެ މާރިޗް މަހުގެ ތެރޭގައި ހޯރަފުށްޓާއި ހާހެއްހާ ފޫޓް ދުރުގައި އޮތް ކުޑަފިނޮޅު މިވަނީ ޤުދުރަތީ ގޮތުން ހޯރަފުށްޓާ ގުޅިފައެވެ. އެގޮތުން ކުޑަފިނޮޅަކީ ހޯރަފުށީގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށްޓަކައި 17 އޭޕްރީލް 2013 ވަނަ ދުވަހު ބޭއްވުނު ކައުންސިލްގެ 121 ވަނަ ޢާއްމު ޖަލްސާއިން ނިންމަވައިގެން ވާނީ ކަމާބެހޭ ފަރާތްތަކަށް މިކަމުގެ މަޢުލޫމާތު ހިއްސާކޮށް މިކަމުގެ މަސައްކަތްތައް ކުރެވިފައެވެ. އަދި މިކުރެވުނު މަސައްކަތުން 2013 މެއި 07 ވަނަ ދުވަހު ހއ. ކުޑަފިނޮޅަކީ ހޯރަފުށީގެ ބައެއްގެ ގޮތުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަންމަނިކުގެ ކެބިނެޓުން ވަނީ ހަމަޖައްސަވާ އެކަން ޢާއްމުކޮށް އަންގަވާފައެވެ. ރަށުގެ މީހުން އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތްތަކަކީ، މަސްވެރިކަމާއި ތަފާތު ވަޒީފާތައް އަދާކުރުމާއި، ކޮންޓްރެކްޓް މަސައްކަތެވެ. ހޯރަފުށީގައި ދައުލަތުގެ މުއައްސަސާތަކުގެ ގޮތުގައި 10 މުއައްސަސާއެއްހުރެއެވެ. އެއީ، ހޯރަފުށީ ކައުންސިލްގެ އިދާރާއާއި، ހޯރަފުށީ މެޖިސްޓްރޭޓް ކޯޓާއި، ހއ، އަތޮޅު މަދަރުސާއާއި، ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި، ހޯރަފުށީ ޞިއްޙީމަރުކަޒާއި، ފެނަކަ ހޯރަފުށީ ބްރާންޗާއި، ހއ. ހޯރަފުށީ އެސްޓީއޯ ފިހާރައާއި، ބޭންކް އޮފް މޯލްޑިވްސް ހޯރަފުށީ ބުރާންޗްއާއި، ހޯރަފުށީ ޔޫތް ސެންޓަރ އަދި ހޯރަފުށީ އެއަރޕޯޓްއެވެ. ހޯރަފުށްޓަކީ ލަފާ ފުރުމުގައި އެއްވެސް ދަތިކަމެއް ނެތް ޒަމާނީފެންވަރަށް ހަދާފައިވާ 1185×320 ފޫޓުގެ ބަނދަރަކާއި. އެއަރޕޯޓެއް ޤާއިމްކުރެވިފައިވާ ރަށެކެވެ. އަދި ހޯރަފުށީގައި ހއ.އަތޮޅު މަދަރުސާގެނަމުގައި އަންނަނީ ފަށާ މަދަރުސީ ތަޢުލީމާއި، މެދުމަދަރުސީ ތަޢުލީމާއި، ޘާނަވީ ތަޢުލީމާއި، ފުޅާދާއިރާއެއްގައި ދެމުންނެވެ. އަދި ވިޔަފާރިއާއި އިޤްތިޞާދަށް ބަލާއިރު ހޯރަފުށީގައި 25 ފިހާރައާއި، 04 ރެސްޓޯރެންޓާއި، 01 ހޮޓަލާއި، 02 ފާރމަސީ ހުރެއެވެ. މީގެ އިތުރުން މިރަށުގައި މަހަށް ފުރާ 12 އުޅަނދު އޮތްއިރު ކަނޑުގައި ދުއްވުމަށް ރަޖިސްޓަރ ކޮށްފައިވާ 87 އުޅަނދާއި، 220 އެއްގަމު އުޅަނދު އޮވެއެވެ. އަދި ރަށުގެ މަގު ގޯޅިތަކާއި، ބަނދަރާއި، އިޖުތިމާޢީ ސަރަޙައްދު ދިއްލުމަށްޓަކައި 257 ބައްތި ބޭނުން ކުރެވެއެވެ، ރަށުގައި މަސައްކަތްކުރާ 162 ބިދޭސީން އުޅެއެވެ. ރަށުގައި އުފެދޭ ކުނި ނައްތާލުމަށްޓަކައި، ރަށުގެ 01 ކުނިކޮށި ތައްޔާރުކޮށް ހަމަޖެހިފައިވާ އުޞޫލުގެ މަތިން އެކުނި ކޮށީގެ ބޭނުން ރަށުގެ ރައްޔިތުން ހިފަމުންދެއެވެ. ދިރާގާއި އުރީދޫގެ ފަރާތުން ރަށުގައި މޮބައިލް ފޯނުގެ ޚިދުމަތް ދެމުން ގެންދެއެވެ. ޢަދި އަމިއްލަ ދެ ކުންފުންޏަކުން ކޭބަލް ޓީވީގެ ޚިދުމަޘް ދެއްވަމުން އަންނައިރު ޓީވީ މޯލްޑިވްސްގެ ފަރާތުން މިދާއިރާގެ ރަށްތަކަށް ޕީއެސްއެމްގެ ޓީވީ މޯލްޑިވްސްގެ ސިގުނަލް ދޫކުރުމަށްޓަކައި އެންޓަނާއެއް ޖަހައިގެންދަނީ އެޚިދުމަތްދެމުންނެވެ. މީގެ އިތުރުން މިހާރު ހޯރަފުށީގައި މިޒަމާނުގެ އިންޓަރނެޓް ސަރވިސް ދަނީ ފުޅާދާއިރާއެއްގައި ވައިލެސްކޮށް ދެއްވަމުންނެވެ. ހޯރަފުށްޓަކީ 24 ގަޑީއިރު ކަރަންޓުގެ ޚިދުމަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ދެމުން އަންނަ ރަށެކެވެ. ޖުމްލަގޮތެއްގައި ހޯރަފުށީ ރައްޔިތުންނަކީ ދީނީ، އިޖްތިމާޢީ، ޤައުމީ، ޘަޤާފީ ކަންކަމަށް ލޯބިކުރާ ބައެއްކަމުގައި ދަންނަވާލަން ޖެހެއެވެ. އަދި މީގެ އިތުރުން ތަރައްޤީގެ ބޮޑެތި ކަންކަމުގައި ހޯރަފުށީގެ ރައްޔިތުންނާއި ޒުވާނުންގެ އެހީތެރިކަން ކައުންސިލަށް ލިބޭކަން އުފަލާއެކު ފާހަގަ ކުރަމެވެ.
ތަސައްވަރު
ހޯރަފުށީ ކައުންސިލްގެ ތަޞައްވުރަކީ، ރަށުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް، ވީހާވެސް ގާތުން ރައްޔިތުންނަށް ފޯރުކޮށްދީ، އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުންނާއި ޢުމްރާނީ ގޮތުން، ރަށް ތަރައްޤީކޮށް، ރަށުގައި، ދުޅަހެޔޮ ސިއްޙީ ތަޢުލީމީ ވެށްޓެއް ޤާއިމުކޮށް، ރަށުގެ ޢާއްމު މަޞްލަޙަތު ޙިމާޔަތްކޮށް، ރައްޔިތުން ހިތްހަމަ ޖެހޭފަދަ އުފާފާގަތި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް މަސައްކަތް ކުރުމެވެ.
ލަނޑުދަނޑި
ހޯރަފުށީ ކައުންސިލްގެ މިޝަނަކީ، ޤާނޫނީ ގޮތުން ކުރުން ލާޒިމުވާ، ނުވަތަ ކުރުމަށް ޙަވާލު ކުރެވޭ އެންމެހާ ކަންކަމާއި ރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން ދިމިޤްރާތީ ގޮތުން ޖަވާބުދާރީވަނިވި އުޞޫލުން އަމިއްލައަށް ނިންމުމަށް މަގުފައިކޮށްދީ، އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި ޘަޤާފީގޮތުން، ރަށުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރައްޔިތުންނާ އެންމެ ގާތުން، ފުޅާ ދާއިރާއެއްގައި ޚިދުމަތް ލިބޭނެމަގު ފަހިކޮށްދީ، ރަށުގައި ޞުލްޙަވެރި އަމާން ވެށްޓެއް ޤާއިމުކުރުމެވެ.